ބިދޭސީން އުޅެމުންދިޔަ 21 ތަނެއް ބަލާފާސްކޮށް، ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، ރޭ މާލޭގެ 11 ތަނެއް ބަލާފާސްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ފުލުހުން، އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އިތުރު 10 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މި ތަންތަނުގެ ތެރެއިން ދެ ތަނެއް ބަންދުކޮށް، ހުރި މައްސަލަތައް ރަނގަޅުކުރުމަށް އެއް ތަނަކަށް ނޯޓިސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެސްވެއެވެ.
ފުލުހުން ބުނީ ބަންދުކޮށްފައިވާ ދެ ތަނަކީ ގަވާއިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ދެތަންކަން ފާހަގަކުރެވިފައިވާއިރު ދެ ތަނުންވެސް ދުންފަތުގެ ބާވަތްތައް ފެނިފައިވާ ކަމަށެވެ.
މިފަދަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ”ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓްއޮޕަރޭޝަންސް“ އިން މަސައްކަތްކުރަމުންދާއިރު ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ އެމީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން ކުރަމުންދެއެވެ.





