މޯލްޑިވްސް 2.0 އަކީ ތަރައްގީގެ ޕްލޭންގައި ވަރަށް މާނަ ފުން، ވަރަށް ބޮޑު އިންގިލާބީ ބަދަލެއް ސަރުކާރު ހިންގުމުގެ ނިޒާމަށާއި ދުވަހުގެ ދިރިއުޅުމަށް ގެނުވާނެކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅޭ ރައްޔިތުންނާއެކު، ރެހެންދި ސްކޫލު ހޯލުގައި ރޭ ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ރޮނގުން ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ހެދި، އެއަށް ގާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ބިލެއް ޑްރާފްޓް ކުރެވި، މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ ތަރައްގީ ކުރުމަށް 20 އަހަރު ދުވަހުގެ މާސްޓާޕްލޭނެއް ހަދައި، ޖީ.ޑީ.ޕީ އާއި އަދި އެހެން ހުރިހާ ގޮތަކުންވެސް އެޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ ރާއްޖޭގެ އިގުތިސޯދު ވެއްޓިފައި އޮތް އަނދަވަޅުން ނަގައި ކޮޅަށް ޖެހުމަށްޓަކައި މަސައްކަތް ކުރަމުން، ސަރުކާރުން ދަނީ ޑިފޯލްޓް ނުވެ، ފައިސާ ޗާޕުނުކޮށް، ރާއްޖޭގެ އެތެރެއާއި ބޭރުގެ ދަރަނިތައް އަދާކުރަމުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިކަންކަމާއި އެކުއެކީގައި ތަރައްގީގެ މަސައްކަތްތައް ތާވަލުކުރެވިގެން، ކުރީގެ އެއްވެސް ސަރުކާރަކުން ހައުސިން މަޝްރޫއުތައް ނުފަށާހާ އަވަހަށް އެ މަސައްކަތްތައް ފަށައި، ރާއްޖޭގެ އެކި ރަށްރަށުގައި އެކިއެކި މަޝްރޫއުތައް ހިންގުމަށް ސޮއިކުރެވި، އެ މަޝްރޫއުތައް ހިނގަމުންދާ ކަމަށެވެ. އަދި މި މަސް ނިމޭއިރު މާލޭ ސަރަހައްދުގައިވެސް މަޝްރޫއުތަކެއް ފެށުމަށްޓަކައި ތައްޔާރުވަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ހުޅުމާލޭގެ ފޭސް 1 ގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އޭގެތެރެއިން ޖުމްލަކޮށް ދެވެންހުރި މައުލޫމާތުތަކާއި އަދި ވަކިވަކި ފަރުދުންގެ ބައެއް ކަންބޮޑުވުންތަކާގުޅޭ މައުލޫމާތު އެ މަނިކުފާނުވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން އެ ހިޔާލުތަކަކީ ސަރުކާރުން އީޖާބީ ގޮތެއްގައި ބަލައިގަންނާނެ ކަންކަން ކަމަށާއި، އެކަންކަމަށް ސަރުކާރުގެ ތެރެއިން ގެނެސްދެވެންހުރި އެންމެ ރަނގަޅު ހައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސްވަނީ ދެއްވާފައެވެ.




