މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހުޅުމާލެ ފޭސް ދެއަކުން ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ އިންޓެލިޖެންސާއި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި ކަމާ ގުޅުން ހުރި އެހެނިހެން ބަހާތައް ގުޅިގެން ކަމަށެވެ. އަދި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. މުލި / ނަސީމީގެ، މުހައްމަދު ވަހީދު (52އ) އާއި ސ. ފޭދޫ / މުށިކުލާގެ، އާމިނަތު އިބްރާހީމް (57އ) އެވެ.
މި ދެ މީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 32.6 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.





