- އިސްތިހާރު -spot_img

ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށް ދީފައިވޭތޯ ބަލައި ފިޔަވަޅު އަޅާނެ: އެޗްޑީސީ

ހުޅުމާލެއިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ބިދޭސީންނަށް ކުއްޔަށް ދީފައިވޭތޯ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭގައި ތަރައްގީކޮށް، ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓްތައް، ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ބިދޭސީންނަށް ކުއްޔަށް ދެމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާތީ  ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ އެއްވެސް ޔުނިޓެއް އެއްވެސް ފަރާތަކުން ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާނަމަ އަންނަ އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހުގެ ކުރިން އެތަންތަން ހުސްކުރުމަށް އެ ކޯޕަރޭޝަނުން އަންގާފައިވެއެވެ.

ހަމައެހެންމެ އެޗްޑީސީއާއިއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ފްލެޓު ލިބިފައިވާ ފަރާތްތަކަށްވެސް އެދިފައިވެއެވެ. އެ ކޯޕަރޭޝަނުން ބުނީ އަންނަ އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހުގެ ފަހުން ހުޅުމާލެއިން ދޫކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާ ނަމަ، އެ ކޯޕަރޭޝަނާއިއެކު ވެފައިވާ ފްލެޓު އެއްބަސްވުން އުވާލެވޭނެ ކަމަށެވެ.

ހައުސިން ޔުނިޓްތައް ބޮޑު އަގުން ކުއްޔަށް ދިނުމަކީ ގިނަ ފަރާތްތަކުން ކުރަމުންދާ ޝަކުވާއެކެވެ. އެގޮތުން މިދިޔަ އޮކްޓޫބަރު މަހުގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެޗްޑީސީ އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ކަމާއި ގުޅޭ އިދާރާތަކުގެ އެހީތެރިކަމާއެކު ފްލެޓްތައް ކުއްޔަށް ދެނީ ކޮންބައެއްތޯ މިނިސްޓްރީން ބަލާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މިއީ ސަރުކާރުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލައެއް ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި