މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން އަށް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންތަކަކީ ”އޮޕަރޭޝަން އަލިމަގު“ ގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއް ކަމަށްވާއިރު މި އޮޕަރޭޝަން ތަކުގައި މާލޭގެ ހަތް އެޕާޓްމަންޓް ބަލައި ފާސްކޮށްފައިވެއެވެ.
އެގޮތުން މި އޮޕަރޭޝަން ތަކުގައި ހައްޔަރުކޮށްފައިވަނީ މއ. ގުލްބަކާގެ / މާލެ، އަޙްމަދު ޒިޔާން (48އ) އާއި ހ. ބްލޫސްކޫޕް / މާލެ، ޒުހުރާ އަބްދުއްލަޠީފް (54އ) އާއި މ. ދޮއްތަޑަފިގެ / މާލެ، އިސްމާއީލް އައިކް މުހައްމަދު (19އ) އާއި ހ. ހުދުކެލާ / މާލެ، އިސްމާއީލް ރަޝީދު (53އ) އާއި މ. ރަނިކަ / މާލެ، ހަސަން ހަލީމް (42އ) އާއި މ. ރަނިކަ / މާލެ، އާޝިޔާ ހަލީމް (51އ) އާއި މއ. އައިރީ / މާލެ، އަލީ އީވާން (43އ) އާއި އެތުމާގެ / ގދ. ގައްދޫ، އާއިޝަތު ނަޒުމާ (44އ) އެވެ.
ފުލުހުން ބުނީ މި އެންމެން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މ. ދޮއްތަޑަފިގެ / މާލެ، އިސްމާއީލް އައިކް މުހައްމަދު (19އ) ފަސް ދުވަހަށް އަދި ދެންތިބި ހަތް މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަވެއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.





