މި މަހާއި އަންނަ މަހު ރާއްޖެއިން 7726 މީހުން އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ފުރާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ މި ހަފްތާގަ އުމްރާވެރިން ފުރަން ފަށާނެ ކަމަށެވެ.
އެންމެ ގިނަ އަދަދެއްގެ އުމްރާވެރިން ފުރަން ހަމަޖެހިފައިވަނީ، މި މަހުގެ 28 ވަނަ ދުވަހު ކަމަށްވާއިރު އެ ދުވަހު 1049 އުމްރާވެރިން މައްކާއަށް ފުރަން ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
އެގޮތުން ޑިސެންބަރު މަހާއި ޖެނުއަރީ މަހު އުމްރާއަށް ދާ އެންމެ ފުރަތަމަ ގްރޫޕް މައްކާއަށް ފުރީ، މި މަހުގެ 21 ވަނަ ދުވަހު އެވެ. އެ ދުވަހު 262 އުމްރާވެރިން ފުރާފައިވާކަން ފާހަގަކުރެވެ އެވެ. އަދި އެންމެ ފަހު ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެދު ވަހު 298 އުމްރާވެރިން ފުރަން ހަމަޖެހިފައިވެ އެވެ.
ރާއްޖޭގައި އެންމެ ގިނަ މީހުން އުމްރާއަށްދަނީ ބޮޑު ޗުއްޓީ އާއި ދިމާކޮށެވެ.





