ސައިލެންސަރު މޮޑިފައިކޮށް އަޑުގަދަކޮށް ދުއްވާ ފަރާތްތަކަށް ފާރަވެރިވެ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިފަދައިން ބުނީ އެ އިދާރާއިން މިހާރު ކުރިއަށްގެންދާ ”ރިވެލި“ އޮޕަރޭޝަންގެ ތެރެއިން ކުރަން ހަމަޖެހިފައިވާ ކަންތައްތަކާއިބެހޭ ގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ފުލުހުން ބުނީ އޮޕަރޭޝަން “ރިވެލި“ ފެށިގެން ކުރިއަށްދާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެެރިވަމުންދާނެ ކަމަށެވެ. އަދި އޮޕަރޭޝަނުގެ ތެރެއިން އެކި ސަރަހައްދު ތަކުގައި ވީސީޕީ ގާއިމުކޮށް، މީހުންނާއި ސުވާލުކުރުމާއި ވެހިކަލް ޗެކްކުރަމުންދާނެ ކަމަށެވެ.
މީގެ އިތުރުން ވައްކަމާ ފޭރުން ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމަށާއި، ހާއްސަކޮށް ބަނގުރަލާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކަށް ހާއްސަ އިސްކަމެއް ދެވިގެންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް އުޅޭ އެންމެހައި ފަރާތްތައް ހުއްޓުވާ ފިޔަވަޅު އަޅަމުން ދާނެ ކަމަށެވެ.
ރިވެލި އޮޕަރޭޝަނަކީ އައު އަހަރާ ދިމާކޮށް ކޮންމެ އަހަރަކުވެސް ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. އެގޮތުން މި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ފެށި މި އޮޕަރޭޝަންގައި މާލެ ސަރަހައްދާއި ހުރިހާ ރަށެއް ހިމެނޭގޮތަށް ގިނަ އަދަދެއްގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަމުންދެއެވެ. އަދި މި އޮޕަރޭޝަންގައި ކަނޑު އުޅަނދު ފަހަރުވެސް ބަލައިފާސްކުރުމަށް ހަމަޖެހިފައިވެއެވެ.





