ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ބައެއް ސާމާނު ފުލުހުންނަށް ހަދިޔާކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ތަކެތި ފުލުހުންނާއި ހަވާލުކޮށްދެއްވީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) މޯލްޑިވްސްގެ ފަރާތުންނެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވަނީ 2004 ޑިސެމްބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އައުކުރައްވައި އެ ދުވަހު ފުލުހުންގެ ތެރޭގައި މަސައްކަތްކުރެއްވި ގޮތުގެ މައްޗަށް އަލިއަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ކާރިސާތަކާއި ހާދިސާތަކުގައި ފުލުހުންކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެއްވީތީ އެންޑީއެމްއޭ އާއި ޔޫއެންޑީޕީގެ ބޭފުޅުންނަށް އެމަނިކުފާނުވަނީ ޝުކުރުވެސް އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ފުލުހުންގެ ހިދުމަތަށް މި ތަކެތި ހޯދައި ދިނުމުގެ ބޭނުމަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. އަދި ފުލުހުންނަކީ ރަށްރަށުގައި ގާއިމުވެ ތިބެ، މުޖުތަމައުތަކާ އެންމެ ގާތުން މަސައްކަތްކުރާ އަދި ކާރިސާތަކުގައި އެންމެ ފުރަތަމަ އިޖާބަދޭ އެއް މުއައްސަސާއަށް ވީހިނދު ހަވާލުކުރެވުނު އާލާތްތަކުގެ ސަބަބުން، ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް ރަށު ފެންވަރުގައި އެޅުމަށް މަގުފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.
ފުލުހުން ބުނީ ޖުމުލަ 2.6 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި މި އެހީގެ ދަށުން ފަސް ދާއިރާއަކުން 2064 އައިޓަމް ފުލުހުންނަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނާއި، ޕަމްޕު އަދި ކަރަންޓު އާލާތްތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރެސްކިއު ގިއަރ، ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނާއި، ފީލްޑް އޮޕަރޭޝަންސް އަދި ސަޕޯޓް އިކުއިޕްމަންޓްގެ އިތުރުން މީހާގެ ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނު (ޕީ.ޕީ.އީ) ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
މި ތަކެއްޗަކީ ޔޫއެންޑީޕީ ފަންޑިން ވިންޑޯސްގެ ”ރިޑްސް އިން ސިޑްސް“ މަޝްރޫއުގެ ދަށުން ޑެންމާކް، ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ ދީލަތި އެހީއާއެކު ފޯރުކޮށްދިން ތަކެއްޗެވެ. އަދި މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކަށް ދިވެހިރާއްޖެ ހާނުވައި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު ކާރިސީ ހިރާސް ކުޑަކުރުމަށް ބާރުއަޅައި، ގައުމީ ފެންވަރުގައި ވިލުންވެރިކަން އިތުރުކުރުން ކަމަށްވާއިރު ކާރިސާގެ ހާލަތްތަކުގައި އިޖާބަދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ހުނަރާއި ވަސީލަތްތައް އިތުރުކުރުމަށް މި މަޝްރޫއުން ބޮޑު އިސްކަމެއް ދެވިގެންދާނެއެވެ.
ޔޫއެންޑީޕީ އިން ބުނީ މި އެހީތެރިކަމަކީ ރާއްޖޭގެ ރަށްތަކަށް ކުރިމަތިވާ މޫސުމީ ކާރިސާތަކުގެ ހިރާސް ކުޑަކުރުމާއި، އިންޒާރުދޭ ނިޒާމުތައް ކުރިއާލައި ވަރުގަދަކުރުމާއި، ކާރިސާތަކަށް އިޖާބަދިނުމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށެވެ.
ރަސްމިއްޔާތުގައި ނަވީން އަދި ހިސާނުގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އެންޑީއެމްއޭ އާއި ޔޫއެންޑީޕީ މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.





