ހުޅުމާލެ ތިންވަނަ ފިޔަވަހިން މިހާތަނަށް 47 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިއްޔެ ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނީ މިހާތަނަށް 47 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާ ނިންމާފައިވާއިރު މިއީ ހިއްކުމަށް ކަނޑައަޅާފައިވާ ބިމުގެ 74.6 އިންސައްތަ ކަމަށެވެ.
އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސްތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށްވެސް އެމްއޭސިއެލުން ބުންޏެވެ.
ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކަން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ނަމަވެސް އެކި ފަހަރު މަތިން މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެންކަން ފާހަގަކުރެވެއެވެ.
ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވީ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ދެ ޑްރެޖަރުވެސް ގިރާވަރަށް ފޮނުވާނީ، ދެއެއް ނުވަތަ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރުގެ މަސައްކަތް ނިންމުމަށް ކަމަށެވެ.
ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ.





