އެކި ދުވަސްމަތިން މަކާރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މއ. ގުލްޝަންކިނާރާ / މާލެ، އަހުމަދު އިރުފާލް (36އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދާފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ނުވަ މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލާގައި މިހާތަނަށް 2025 މެއި މަހުން ފެށިގެން މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން 50،000 އަށްވުރެ ގިނަ ރުފިޔާ ހޯދާފައިވެ އެވެ. އަދި އޭނާގެ ނަމުގައި ދެ ބެންކެއްގައި ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކުރުމަށްފަހު އެ ފައިސާތައް ނަގާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ ކަމަށެވެ.





