ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި މާލެއިން ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް މާލެ، މާފަންނުގައި ހުރި ކެފޭއަކާއި ގެއެއް ބަލައި ފާސްކޮށްފައިވެ އެވެ. އެ ގެ ބަލައި ފާސްކުރުމުގެ ތެރެއިން، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 21 ފުޅި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޗައުދަރީ ސްރެންދްރަ (43އ) އާއި ސުގަންދަ ކުމާރު ޗައުދަރީ (28އ) އާއި ޗައުދަރީ (24އ) އާއި މަކަރް ބަހާދުރް ޓަމަންގް (27އ) އާއި ބިޝްވަނާތް ޗައުދަރީ (37އ) އާއި ރަމްރި މާޔާ ވައިބާ (27އ) އެވެ. މި އެންމެންނަކީ ވެސް ނޭޕާލް މީހުންނެވެ. މި އެންމެން ވެސް ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.





