މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ށ. އަތޮޅުން ދެ މީހުން ހައްޔަރުުކޮށްފިއެވެ.
މި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ށ. އަތޮޅު ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގައެވެެ. ފުލުހުން ބުނީ މި މައްސަލާގައި އިއްޔެ ހިންގި އޮޕަރޭޝަންގައި ނ. މާފަރު / ކެނދިވަރު، އަހުމަދު ޝިހާމް (40އ) ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
ހަމައެހެންމެ އިއްޔެ ފުނަދޫ މަގު މަތިން ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫ / އެންދެރިމާގެ، މުހައްމަދު ބަޝީރު (27އ) ކަމަށްވާއިރު އޭނާ ސައިކަލު ދުއްވަމުން މޯބައިލް ފޯނު ބޭނުންކުރަމުން ދަނިކޮށް ފެނިގެން ސައިކަލު މަޑުކުރަން ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް މަޑު ނުކޮށް ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި ސައިކަލު ދުއްވާފައި ދަނިކޮށް އޭނާގެ އަތުގައި އޮތް މޯބައިލް ފޯނު ވެއްޓިފައިވާއިރު އެ ފޯނާއި ފޯނު ވެއްޓުނު ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ތަހުގީގުކުރަމުންދާ ކަމަށެވެ.





