ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ވަފާތެރި، ގާބިލު ދިވެހި ދަރީންތަކެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަނިކުފާނު މިހެން ވިދާޅުވީ މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ހިތާބެއްގައެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ނިކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުން ކަމަށެވެ. އަދި މާތްﷲގެ ވާގިފުޅާއެކު، މި އަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިކުރައްވާނޭ އަހަރަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހީންނަކީ، އެއް އަހަރަށްވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ހާސިލުކުރެވޭތޯ މަސައްކަތްކުރާ ބައެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ދިވެހިންނަކީ ތަމައްދުނާއި ތަރައްގީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް ވަރުގަދަ ކުރެވޭތޯ ކޮންމެ އަހަރަކުމެ ހިންމަތްކުރާ ބައެއްކަން، ތާރީހުންވެސް ސާބިތުކޮށްދޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އަންނަ އަހަރަކީ، ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ މުނާސަބާ ދިވެހީންނާ ބައްދަލުކުރާ އަހަރު ކަމަށާއި، މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތު ހުރި އެއް ތާރީހު ކަމަށެވެ.
އަދި ކޮންމެ އައު އަހަރަކީވެސް، ފަރުދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތިމާއަށް، ގައުމަށްޓަކައި ކޮށްދެވޭނީ ކޮން ހިދުމަތްތަކެއްތޯ ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް އަޒުމު އައު ކުރުމުގެ ވަގުތުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.





