ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އެއްބަސްވުމުގެ ދަށުން ހުއްދަ ދޫކުރެވިފައިވާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަކީ މަނާ ކަމެއް ކަމަށް އެ އެއާޕޯޓުން ބުނެފިއެވެ.
ވީއައިއޭއިން ބުނީ އެ އެއާޕޯޓުގައި ފަތުރުވެރިންނަށް ބޭނުންވާނެ އެންމެހައި ކަންކަން ފޯރުކޮށްދިނުމަށްޓަކައި އެކި ވިޔަފާރިތައް ކުރުމާއި ހިދުމަތްތައް ދިނުމުގެ ހުއްދަ ވަކި ހާއްސަ އުސޫލުތަކަކާއި އެއްބަސްވުންތަކެއްގެ ދަށުން ދޫކުރަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަމަށެވެ.
އެ ގޮތުން ވީއައިއޭގައި ސިމް ވިއްކުމާއި ބޭރު ފައިދާ މާރުކުރުން ފަދަ ވިޔަފާރި އާއި ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރެވިފައިވަނީ ކަމާގުޅޭ ލައިސެންސް އޮންނަ އަދި އެމްއޭސީއެލް އާއި އެކު އެފަދަ ހިދުމަތެއ ދިނުމުގެ އެއްބަސްވުމެއް ހަދާފައިވާ ފަރާތްތަކެއްކަން ފާހަގަކޮށް ވީއައިއޭއިން ބުނީ އެހެން ކަމުން މިފަދަ ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ހުއްދަނެތް އިތުރު ފަރާތަކުން އެއާޕޯޓުގައި ދިނުމަކީ މަނާ ކަމެއް ކަމަށްވެސް ވީއައިއޭއިން ބުންޏެވެ.
ހަމައެހެންމެ އެމްއޭސީއެލް އާއި އެކު އެއްބަސްވުމެއްގެ ދަށުން އެ އެއާޕޯޓުގައ ިވިޔަފާރިއެއް ނުވަތަ ހިދުމަތެއް ދޭ ފަރާތަކުން އެ ވިޔަފާރި ނުވަތަ ހިދުމަތް ދޭންވާނީ އެކަމަށް ކަނޑައެޅިފައިވާ ޖާގައިގެ ކައުންޓަރުން ނުވަތަ ވަސީލަތަކުން އެކަނި ކަމަށްވެސް ވީއައިއޭއިން ބުނެފައިވެއެވެ. އަދި އެތަންތަނުން ހިދުމަތްދޭ ފަރާތްތަކުން ތިބެން ވާނީ ތަމްސީލުކުރާ ކުންފުނީގެ ޔުނީފޯމެއް ނުވަތަ ފާހަގަވާނެ ފާސް ހިފައިގެންނެވެ.
ވީއައިއޭއިން ބުނީ އެއްބަސްވުމުގައި ކަނޑައެޅިފައިވާ ތަނުގެ ނުވަތަ ވަސީލަތުގެ ބޭރުން އަދި އެއްބަސްވުމުގައި ނެތް ހިދުމަތެއް ދިނުމަކީވެސް މަނާކަމެއް ކަމަށެވެ.
ފަތުރުވެރިންނާއި އެއާޕޯޓު ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި އެއާޕޯޓުގައި ދެވޭ ހިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަކީ އެމްއޭސީއެލްގެ ޒިންމާއެއްކަމުގައިވާތީ ހުއްދަ ނެތް އެއާޕޯޓުގައި އެއްވެސް ވިޔަފާރިއެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތެއް ފާހަގަކުރެވިއްޖެނަމަ ކަމާއި ގުޅޭ ސަލާމަތީ މުއައްސަސާތަކާއި އެކު އެފަދަ ފަރާތްތަކާއި މެދު ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށް ވީއައިއޭއިން ބުންޏެވެ. އަދި މިފަދަ ފިޔަވަޅެއްގެ ސަބަބުން އެފަރާތްތަކަށް ލިބިދާނޭ ވިޔަފާރީގެ އެއްވެސް ގެއްލުމަކަށް މި ކުންފުނިން ޒިންމާ ނުނަގާނެ ވާހަކަވެސް ވީއައިއޭއިން ބުނެފައިވެއެވެ.





