- އިސްތިހާރު -spot_img

ރާއްޖޭގައި އެންމެހާ އިމާމުންނަކީ އަމިއްލައަށް ޚުތުބާ ދެވޭ ފެންވަރުގައި ތިބި ބައެއް ނޫން: ޝަހީމް

ރާއްޖޭގައި އެންމެހާ އިމާމުންނަކީ އަމިއްލައަށް ހުތުބާ ދެވޭ ފެންވަރުގައި ތިބި ބައެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ‏ހުކުރު ހުތުބާ ލިޔާނެ މައުޟޫއަށް އާންމުންގެ ހިޔާލު ހޯދުމާ ގުޅޭ ގޮތުން އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރެއް ހިއްސާ ކުރައްވާ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހުކުރު ހުތުބާއަކީ ކޮންމެހެން އެއް މައުޟޫއަކަށް ލިޔެގެން ހުރިހައި މިސްކިތެއްގައި އެއްގޮތަކަށް ކިޔަންޖެހޭ އެއްޗެއް ނޫން ކަމަށާއި، ހުކުރު ހުތުބާ ދެވޭ ފެންވަރުގެ އިލްމާއި ގާބިލުކަން ލިބިގެންވާ ކޮންމެ މީހަކަށް ހުތުބާ ދިނުމުގެ ހުއްދަ ދިނުމާއެކު، އެ މީހަކަށް ފެންނަ، އެއިރެއްގެ ހާލަތާ ގުޅޭ މައުޟޫއެއް އިހުތިޔާރު ކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށެވެ.

ހަމައެހެންމެ ހުތުބާގެ މައުޟޫއަކީ އަބަދު މަކާރިމުލް އަހުލާގާ ގުޅިފައިވާ މައުޟޫއަކަށް ވާކަށް ނުޖެހޭ ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ވެރިންނަށް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ މިޒަމާނުގެ ހުތުބާތަކުގައި ކޮންމެހެން ހިމެނެންޖެހޭ ކަމެއް ކަމަށެވެ.

”ހުލަފާއުއް ރާޝިދޫން ގެ ސީރަތަށް ބެލުމުން އެކަން އެނގޭ. ހުދުމުހުތާރު ވެރިންނަށް ނަސޭހަތް ދިނުމަކީ ހަތީބުންގެ ޒިންމާއެއް. ސަރުކާރުން ލިޔެ އެއްގޮތަކަށް ތައްޔާރުކޮށްފައިވާ ހުތުބާ ކިޔުން ލާޒިމްކުރަނީ އާންމުގޮތަކަށް ފިކުރާއި ރައުޔުގެ މިނިވަންކަން ނޯންނަ ގައުމުތަކުންކަން ފާހަގަކުރެވޭ.“ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

މިކަމަށް ރައްދު ދެއްވާ ވަޒީރު ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ވަރަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި ތިޔައީ ރަނގަޅު ވިސްނުމެއް ނޫންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރާއްޖޭގައި އެންމެހާ އިމާމުންނަކީ އަމިއްލައަށް ހުތުބާ ދެވޭ ފެންވަރުގައި ތިބި ބައެއް ނޫން ކަމަށާއި ނުބަލާ ހުތުބާ ދިނުމުގެ ގާބިލްކަން ލިބިފައިވަނީ ވަރަށް މަދު އިލްމުވެރިޔަކަށް ކަމަށެވެ.

އެކަމަށް މިހާރުވެސް ހުއްދަ އޮންނާނެ ކަމަށާއި ނަމަވެސް މިފަދައިން ހުތުބާ ދެއްވާ ބައެއް ބޭފުޅުންވެސް ހުތުބާ ފަށާ ގޮތަށް ނިންމުން ލަސްވުމުގެ ސަބަބުން ރައްޔިތުންގެ އެތައް މަސްލަހަތަކަށް ގެއްލުންވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަނެއްކޮޅުން ހައްދެއް އިމެއް ނެތި އެގޮތަށް މިކަން އެންމެންނަށް ހުޅުވާލައިފިނަމަ ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮތް ކަމަށެވެ.

”އަޅުގަނޑުމެން އެކަމަށް ޖާގައެއް ނުދޭނަން. ރާއްޖޭގައި ހުތުބާ ކަންތަކުގައި އަމަލު ކުރަމުން މި ދަނީ ރާއްޖޭގެ މަސްލަހަތާއި ގުޅޭ ގޮތަށް. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާ ވެސް ގުޅޭ ގޮތަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން. ތިޔަވިދާޅުވާ ގޮތަށް ހުޅުވިފައި އޮންނަ ގައުމުތަކުގައި ދީނީ ތަފާތު ފިކުރުތައް އުފެދި ޖަމާއަތްތައް އުފެދި އެކި މިސްކިތްތަކުގައި އެކި މަޒުހަބުތަކަށް ހުތުބާ ކިޔާ ހަމަނުޖެހުން އުފެދިގެން ގޮސްފައިވޭ. ރާއްޖޭގައި ޒަމާނުއްސުރެ މިކަން ގާއިމުވެފައިވާ ދިމާލަށް މިއަދު އިސްލާމީ ދުނިޔޭގެ ގައުމުތައް ވަނީ އަމާޒު ހިފާފައި.“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ކުރީގެ ވެރިންނާއި ސަރުކާރުތަކުން ހުތުބާގެ ނިޒާމު ދަމަހައްޓާފައިވަނީ ވަރަށް ރަނގަޅު ގޮތަކަށްކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

”އިންޝާﷲ އަޅުގަނޑުމެން އެކަން އެގޮތަށް ދަމަހައްޓާނަން. ޚުޠުބާގެ މަޢުޟޫތަކާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދީ މުޖުތަމަޢުއައް އެންމެ ބޭނުންތެރި މަގުން ޚުޠުބާ ތައްޔާރު ކުރުމަށް. ޚުޠުބާ ކުރުވާން ޖެހޭ. އެއީ ސުންނަތް ގޮތަކީ.“ވަޒީރު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި