ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސްގެ %75 މަސައްކަތް ނިމިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މިދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން އެވުޒާރާގެ ޒިންމާގެ ދަށަށް އައީ އެންމެ އެކަށީގެންވާ ގޮތައް އެކަން ތަރުތީބު ނުކުރެވި އޮތް ހާލަތެއް މެދުވެރިވި ވަގުތެއްގައި ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ނަމަވެސް ވުޒާރާގެ ދަށަށް ޒިންމާ އައުމާއިއެކު ދެ ދުވަހެއްގެ ތެރޭގައި ދިމާވި ދަތިތަކުން އަރައިގަނެވި މަސައްކަތް ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށްދާ ކަަމަށެވެ.
ވަޒީރު ވިދާޅުވީ މިދިޔަ އަހަރުގެ ތަޖުރިބާއަށް ބެލުމަށްފަހު މިއަހަރު ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ވަރަށް ދުރާލާ އިންތިޒާމް ކުރަމުންދާ ކަމަށެވެ. އަދި އެކަމަށްޓަކައި ވަރަށް ފުރިހަމައަށް މި ފަހަރު ތައްޔާރުވަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކަމާގުޅުން ހުރި އިދާރާތަކާއި، ކުންފުނިތަކާއިއެކު ވަރަށް ގާތުން މި މަސައްކަތް ކުރައްވަމުން އަންނަ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި މަހުގެ 15 އާއި ހަމައަށް އަންނައިރު، މަސައްކަތް އާންމުންނާއި ހަމައަށް ތިލަކޮށް، މަސްދަޅު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެފައިވާ ތައްޔާރީތައް އާންމު ކުރާއްވާނެ ކަމަށެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.





