ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) އިން ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 13:00 އިން ފެށިގެން ހަވީރު 19:00 އާއި ހަމައަށެވެ.
މެޓުން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދު ހަވީރު 18:00 އާއި ހަމައަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށާއި އިރުއުތުރާއި އިރުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުންޏެވެ.
މީގެ އިތުރުން އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓުންވަނީ ލަފާކޮށްފައިވާއިރު ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި މެދުރާއްޖެތެރެއާި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާ ކޮށްފައިވެއެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަތަކަށްވެސް އާއްމު ގޮތެއްގައި މޫސުން ރަނގަޅު ދުވަސްވަރެކެވެ.





