ފުރާނައަށް ނުރައްކާވާ ބޮޑެތި ބަލިތަކަށް ފައިސާ ބޭނުންކުރެވޭ އިސްލާހުގެ މަސައްކަތް އަންނަ މަހަށް މަޖިލީހުން ފަސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލް ގާދިރު ހުށަހަޅާފައިވާ މިބިލުގެ ކޮމިޓީ މަރުހަލާގެ މަަސައްކަތް ނިންމުން އަންނަ މަހުގެ ނިޔަލަށް ދަންމާލާފައިވާއިރު މި އިސްލާހުގައި ޓާމިނަލް އިލްނަސް ނުވަތަ ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ބޭސްފަރުވާއަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.
އިއްޔެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި މި އިސްލާހު ބަލައިގަންފައިވެއެވެ. އަދި ކޮމިޓީއަށް ފޮނުވުމުން، އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި މި މަސައްކަތުގެ ކޮމިޓީ މަރުހަލާ މިއަދަށް ނިންމާ ގޮތަށް ހަމަޖައްސާފައިވާކަން ފާހަގަކުރެވެއެވެ.
ހަމައެހެންމެ މިއަދު އިތުރު ބައްދަލުވުމެއް ބާއްވާ މި މުއްދަތު މުރާޖައާކުރުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ނިންމީ، އެ އިސްލާހަށް ކަމާ ގުޅުންހުރި އިދާރާތަކުގެ ކޮމެންޓު ފޮނުވަން މިމަހުގެ ނިޔަލަށް ފުރުސަތު ދިނުމަށް ކަމަށްވާއިރު ކޮމިޓީ މަރުހަލާއިން މުޅި އިސްލާހުގެ މަސައްކަތް ނިންމާނެ ތާރީހު އަންނަ މަހުގެ ނިޔަލަށް އިތުރު ކުރުމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވެއެވެ.





