ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އަންނަ މަހު އއ. ތޮއްޑޫއަށް ފަށަން ތައްޔާރުވެއްޖެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.
މޯލްޑިވިއަން އިން މިއަދު ބުނީ އެ އެއާލައިންގެ ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ތޮއްޑޫއަށް ފަށާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.
މޯލްޑިވިއަން އިން ބުނީ މި ހިދުމަތް ފަށަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޑިމާންޑް އިތުރުވަމުންދާތީ، އަދި ރަށްރަށުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް ކަމަށެވެ. އަދި ސަރަހައްދީ ތަރައްގީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށްވެސް މޯލްޑިވިއަން އިން ބުންޏެވެ.
މިހާރު ޝެޑިއުލްގައިވާ ގޮތަށް ބަލާއިރު ތޮއްޑޫއަށް އަންނަ މަހުން ފެށިގެން ސީޕްލޭން ދަތުރުތައް ކޮންމެ ހަފްތާއަކު ދެ ދުވަހު ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެއީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހުކަން ފާހަގަކުރެވެއެވެ.
ތޮއްޑޫ އަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް ކުރިއަރަމުންދާ ރަށެކެވެ. މި ދަތުރުތައް ފެށުމާއިއެކު ރަށު ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ކުރިއަރަމުން އަންނާނެކަން ފާހަގަކުރެވެއެވެ.
މޯލްޑިވިއަންއިން ބުނީ ސީޕްލޭންގެ ހިދުމަތް ފެށުމާއެކު ރަށުގެ ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ކުދި ވިޔަފާރިތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރާ އިގްތިސާދީ ހަރަކާތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.





