ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެއިް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖެވެލް ހޮސެން (31އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހެނދުނު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ.
ހުޅުމާލޭ ބަނދަރު ސަރަހައްދުން އޭނާ ދުއްވި ވޭން، ހުއްޓުވައި ބަލައިފާސްކުރިއިރު 134 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގުކުރަމުން ކަމަށެވެ.





