މާލޭގައި ހިންގަމުންދިޔަ ހަތަރު ތަނެއް ބަލާ ފާސްކޮށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އިއްޔެ ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، ރޭ މާލޭގައި ހިންގަމުންދިޔަ ހަތަރު ތަނެއް ބަލައި ފާސްކޮށް، ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މިފަދަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ”ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް“ އިން މަސައްކަތްކުރަމުންދާއިރު ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ އެމީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވެސް އިމިގްރޭޝަނުން ކުރަމުންދެ އެވެ.
އިމިގްރޭޝަނުން ބުނީ މި މަސައްކަތުގެ ތެރެއިން ހިންގޭ އެންފޯސްމަންޓް އޮޕަރޭޝަން ތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާ އެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވީޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދިއުން ކަމަށެވެ.





