- އިސްތިހާރު -spot_img

ދީނާއި ހިލާފު ކަންކަމަށް ހިތްވަރުދިނުމަކީ އިސްލާމީ މުޖުތަމައުގައި ފުރުސަތު ދީގެންވާނެ ކަމެއް ނޫން: ރައީސް

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދީ، އެކަންކަމަށް ގޮވާލާ ސިޔާސީ ފިކުރަކީ، މި ސައްތައިން ސައްތަ އިސްލާމީ މުޖުތަމައުގައި ފުރުސަތު ދީގެންވާނޭ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޚާއްސަ ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވަނީ ޖުވާކުޅުމަކީ ޖިނާއީ ކުށެއްކަމުގައި ކަނޑައެޅުއްވުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތު އިސްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރާކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުގައި މަސައްކަތްކުރާނޭ ފަރާތްތަކައް އިންތިހާބުތަކުން ފުރުސަތު ލިބިގެންދިއުން ވެގެންދާނީ، އަމިއްލައަށް ކުރާ ގޯސްކަމަކަށް ކަމަށެވެ. އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ހުރިހާ އާދައެއްވެސް ހުންނަންވާނީ އިސްލާމީ ގައުމެއްގައި ހުންނަންޖެހޭ ގޮތަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ގައުމެއްގެ ކަންކަން އިސްލާޙުކުރެވޭނީ އެ ގައުމެއްގެ ފަރުދުންގެ އެފަދަ ހިޔާލާތެއް ހުރިއްޔާ ކަމަށެވެ.

މި ސަރުކާރުން އެންމެ އިސްކަންދެނީ އިސްލާމް ދީނަށް ނަސްރުދީ، އިސްލާމްދީނުގެ ހަމަތަކުގެ މަތީން ކަންކަން ބައްޓަންކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެގޮތުން ކުރައްވަމުންދާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ މަސާޖު ޕާލާތަކުގެ ނަމުގައި ބަދުއަހުލާގީ އަމަލުތަކުގެ ވިޔަފާރި ހިންގާ ތަންތަން ބަންދުކުރުމަށް ފައްޓަވާފައިވާ މަސައްކަތްތަކުގައި ހިމެނިގެން ގާތްގަނޑަކަށް އެއް މަސްދުވަހުގެ ތެރޭގައި، މާލޭ ސިޓީއިން އެކަނި، މިފަދަ 104 ތަނެއް ބަންދުކުރެވިފައިވާ ކަމަށެވެ.

ހަމައެހެންމެ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެއްވުމަށްޓަކައި، ވަކި އަދަދަކަށްވުރެ ގިނައިން މަސްތުވާތަކެތީގެ ވަގުފާރި ކުރާމީހުންނަށް މަރުގެ އަދަބު ކަނޑައެޅޭގޮތަށް ގާނޫނު އިސްލާހުކުރައްވައި ތަސްދީގުކުރައްވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމްގެ ގަވާއިދު އިސްލާހުކުރައްވައި، ސަފާރީތައް ހިންގުމުގެ ގަވާއިދާ، މީހުން ދިރިއުޅޭ ސަރަޙައްދުގައި ގެންގުޅެންޖެހޭނޭ މިންގަނޑާއެކު، ދާދި އަވަހަށް ގެޒެޓުކުރެވޭނޭ ކަމަށެވެ.

ރައީސް ވިދާޅުވީ މި އިސްލާހީ މަސައްކަތްތައް ތަންފީޒުކުރުމުގައި ކައުންސިލްތަކުން މުހިންމު ދައުރެއް އަދާކުރަންޖެހޭނޭ ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ އޮއިވަރުގައި ދިވެހީންގެ ޝަހުސިއްޔަތު ދޫކޮށްލުމަކީ ގޯހެއް ކަމަށާއި، ސިޔާސީ މީހުން ސިޔާސީ މަގުސަދުގައި ދައްކާ ވާހަކައާ މެދު، އަސްލަށް ރުޖޫއަވެ، ތައައްސަބުން އެއްކިބާވެ ހުރެ އަމިއްލަ ސިކުނޑިން ވިސްނައި، މިނެކިރައިފި މީހަކަށް، އެކަން ގަބޫލުކުރެވޭނޭ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި