އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ދޭނީ އެ ހައްގުވާ ފަރާތްތަކަށް ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރައީސްގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ ”ތަރުޖަމާނާ އެކު“ އެޕިސޯޑް ތިނެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މައިންނާއި ބަފައިންނަށް ދައުލަތުން އިނާޔަތް ދޭއިރު، އެ ފައިސާ ލިބެމުން އަންނަނީ ހައްގުވެރިންނަށްކަން ގާތުން ބަލަމުންދާ ކަމަށެވެ. އަދި
އިޖުތިމާއީ އެހީތެރިކަމުގެ ނިޒާމަކީ މުޅި ދައުލަތް އޭގައި ހިމެނިގެންދާ ހުރިހާ އާއިލާއަކަށް އަމާޒުކުރެވިގެން ގެނެވިގެންދާ ބަދަލެއް ކަމަށާއި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުތަކުގައި، ނާޒުކު ހާލަތުގައި ދިރިއުޅޭ މީހުންނާއި، އެކަނިވެރި މައިންގެ އެލަވަންސްގެ ކަންބޮޑުވުން ރައީސްއާ ހިއްސާކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ހަމައެހެންމެ އެކަމުގައި ކުރެވުނު މަޝްވަރާތަކުގައި ރައީސްއަށް ވެދެއްވިދާނެ އެހީއެއްގެ ގޮތުގައި އެލަވަންސް ބޮޑުކޮށްދިނުމަށް ރައްޔިތުން ހުށައަޅާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެލަވަންސް ލިބޭ އާއިލާތަކާއެކު ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އެ ވުޒާރާއިން މަސައްކަތްކުރާ ކަމަށެވެ. އަދި، އާއިލާތަކުގައި ވަޒީފާ ނެތް މީހަކު ހުރިނަމަ ވަޒީފާ ހޯދައިިދިނުމާއި، އެހެނިހެން އިދާރާތަކާ ގުޅުންހުރި ކަންކަމުގައި އެ އިދާރާތަކާއެކު މަސައްކަތް ވެސް ކުރެވިގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ގައުމެއްގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ އެންމެ މުހިއްމު ކަމަކީ، އެގައުމެއްގައި ދިރި އުޅެމުން އަންނަ ނިކަމެތި އަދި އަޅާލުންތެރިކަން ބޭނުންވެފައިވާ ނާޒުކު ހާލަތް ތަކުގައި ދިރިއުޅެމުން އަންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
ހަމައެހެންމެ ނާޒުކު ހާލަތުގައި ދިރިއުޅެމުން އަންނަ މީހަކަށް އެހީތެރިކަމެއް ނުދެވިއްޖެ ނަމަ، މުޅި މުޖުތަމައަށް އޭގެ އަސަރު ކުރާ ކަމަށާއި ކުދިން ތައުލީމުން މަހުރޫމު ވުމާއި އެކު ސިއްހީ ގޮތުން ކުރިމަތިވާ ގެއްލުންތައް ވެސް ހިމެނޭކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.





