ރާއްޖޭގެ ރަށްތައް ތަރައްގީ ކުރާއިރު އެ ރަށްތައް ތަރައްގީ ކުރަންވާނީ އެ ރަށެއްގައި ހުންނަ ހާއްސަ ރީތި ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ބ. ދަރަވަންދޫއަށް އެކި ދާއިރާތަކުން ހިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯޑު ދިނުމަށް ބޭއްވި ”މަގޭ ދަރަވަންދޫ އެވޯޑު 2025“ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ކޮންމެ ރަށަކީވެސް ވަކި ހާއްސަ ސިފަތަކެއް ލިބިގެންވާ ރަށްތަކެއް ކަމަށެވެ. އަދި އެގޮތުން ދަރަވަންދޫއަކީވެސް ގުދުރަތީ ގޮތުން ވަރަށް ގިނަ ސިފަތަކެއް ލިބިގެންވާ ރަށެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްތައް ތަރައްގީ ކުރެވިގެންދާއިރު، އެ ރަށެއްގެ އަމިއްލަވަންތަ ކަމާއި، ތާރީހީ އަދި ގުދުރަތީ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށެވެ. އަދި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި ތާރު އެޅުމާއި، އެހެނިހެން ވަސީލަތްތައް ގާއިމު ކުރާއިރުވެސް، ރަށުގެ ވެށި ހިމާޔަތް ކުރުމަށް އިސްކަންދޭން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށްތަކުގެ ކުރިއެރުމަށްޓަކައި ލާމަރުކަޒީ ނިޒާމަކީ ވަރަށް މުހިންމު ނިޒާމެއް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ނިޒާމު ފުރިހަމައަށް ތަންފީޒު ކުރެވިގެންދާނީ، ރަށުގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން އެއްބާރުލުމާއެކު މަސައްކަތް ކޮށްގެން ކަމަށެވެ.
ދަރަވަންދޫގެ ކުރިއެރުމަށް އެކި ދާއިރާތަކުން އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑު ހަވާލު ކުރުމަށް އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަފައެވެ. އަދި މިއީ އެ ރަށުގެ އިޖުތިމާއީ ރޫހު އާލާކޮށް، ހިދުމަތްތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި މުހިންމު ހަރަކާތެއް ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.





