- އިސްތިހާރު -spot_img

އޮފިޝަލުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އަތޮޅު ތެރޭގައި މާދަމާ ފަށާނެ: އީސީ

އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމު އަތޮޅުތެރޭގައި މާދަމާ ފެށޭނެ ކަމަށް އިލްކެޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ އަތޮޅު ތެރޭގައި ގާއިމުކުރާ ވޯޓުލާ މަރުކަޒު ތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް މާދަމާއިން ފެށިގެން ކުރިއަށްގެންދިއުމަށް ޓްރެއިނަރުން މިއަދުން ފެށިގެން އަތޮޅުތަކަށް ދަތުރުކުރަން ފަށާފައިވާ ކަމަށެވެ.  

އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަރަކާތްތެރިވާ ޓްރެއިންރުންނަށް ހިންގި ތަމްރީން ޕްރޮގްރާމް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އިންތިހާބު ކުރިއަށްދާއިރު ޓްރެއިނަރުން ސަމާލުވާންވީ ކަންތައްތަކަށް އަލިއަޅުއްވާލައްވާ އީސީގެ ނާއިބު ރައީސް ސާލިހު ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން އިންތިހާބުގެ ކަންކަން އިތުރަށް ހަރުދަނާވެ، އިންތިހާބީ އޮފިޝަލުންނަށް ބޭނުންވާ މައުލޫމާތުތައް ފުރިހަމައަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

މީގެ އިތުރުން މިފަަދަ ތަމްރީނު ޕްރޮގްރާމުތަަކަކީ ރައްޔިތުންގެ އިތުުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް ސާލިހު ވިދާޅުވިއެވެ.

ހަމައެހެންމެ ތަމްރީނު ފުރިހަމަކުރި ބޭފުޅުންނަކީ ކޮމިޝަނުން ބުނަން ބޭނުންވާ މެސެޖު، އެ ބުނި ގޮތަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ތިބި ބައެއް ކަަން ފާހަގަކުރައްވާ ސާލިހު ވިދާޅުވީ މައުލޫމާތު ރަނގަޅަށް ފޯރުކޮށްދެވިއްޖެނަމަ ރައްޔިތުންގެ އަދި ކެންޑިޑޭޓުންގެ ހައްގުތަަކަށް އަރައިނުގަނެ މަސައްކަތްކުރެވޭނެ ކަމަށެެވެ. އަދި ބައެއް ފަހަރު މީޑިއާތަކުގައި މައުލޫމާތު ފޯރުކޮށްދިނުމުގައި މާނަ އޮޅޭގޮތަށް ކަންކަން ހިނގާފައިވާތީ، އެކަމަށް ސަމާލުވުމަށް ވެސް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ 7000 އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތުގައި ޖުމްލަ 95 ޓްރެއިނަރުން މާލެ އާއި އަތޮޅު ތެރޭގައި ހަރަކާތްތެރިވާއިރު މާލޭ ސަރަހައްދުގައި އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް މި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފަ ކަމަށް އީސީން ބުންޏެވެ.

އީސީން ބުނީ މި ތަމްރީނު ތަކުގައި ވޯޓުލާ ދުވަހު މަރުކަޒު ތަކުގައި ކަންކަން ކުރިއަށްގެންދަންވީ ގޮތާއި، ވޯޓުލާން އަންނަ މީހުންނަށް މައުލޫމާތު ދޭނެ ގޮތުގެ އިތުރުން، ވޯޓުލާ ނިމުމުން އަމަލުކުރަންވީ ގޮތާއި ވޯޓު ގުނުމުގެ ތަފްސީލީ މައުލޫމާތު އޮފިޝަލުންނަށް ފޯރުކޮށްދިނުން ހިމެނޭއިރު ތަމްރީންތަކުގެ ތެރޭގައި އަމަލީ ގޮތުން މި މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި