ކުދި ގައުމުތަކުގެ ސިޔާދަތީ މިނިވަންކަން ރައްކާތެރިކުރުން ވަރުގަދަކުރުމަށް ރާއްޖެއިން ގޮވާލައްވައިފިއެވެ.
ރާއްޖެއިން މިފަދައިން ގޮވާލާފައިވަނީ އިސްރާއީލުން ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ގުޅިގެން ބޭއްވި އިސްލާމީ އެއްބާރުލުމާބެހޭ ޖަމިއްޔާ (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ވަޒީރު ވިދާޅުވީ ސޯމާލީލޭންޑް ބަލައިގަތުމަކީ ސޯމާލިއާގެ ސިޔާދަތީ މިނިވަންކަމާއި ވަހުދަތަށް އަރައިގަތުން ކަމަށެވެ. އަދި އެއީ އދ. ގެ މަންޝޫރާ ކަނޑައެޅިގެން ހިލާފު ކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ އުސޫލުތައް މުގުރިގެންދާނެ ކަމަށެވެ.
ޖިއޯޕޮލިޓިކަލް މަސްލަހަތުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ އިސްރާއީލުން މިފަދަ ފިޔަވަޅެއް މި އެޅީ ފަލަސްތީނުގެ މައްސަލައާއެކު ސަރަހައްދީ ހަމަނުޖެހުން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި ޣައްޒާގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައިވެސް، އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯ ނުލަނބާކަން ދައްކަމުންދާ ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ބާރު ކެނޑިގެންދިއުމަކީ، ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމަކުން ރައްކާތެރިކަން ހޯދާ ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކުގެ ހިމާޔަތަށް އޮތް ނުރައްކާތެރި އަމަލެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުން އޮތީ މިއަދު ސައުދީ އަރަބިއްޔާގެ ޖިއްދާގައެވެ. އަދި މިއީ އޯއައިސީގެ ހާރިޖީ ވަޒީރުންގެ މަޖިލީހުގެ 22 ވަނަ ކުއްލި ބައްދަލުވުން ކަމަށްވާއިރު މި ބައްދަލުވުމަކީ އިސްރާއީލުން ސޯމާލީލޭންޑަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމާ ގުޅިގެން އުފެދިފައިވާ ހާލަތާ މެދު މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެއްކަންވެސް ފާހަގަކުރެވެއެވެ.





