ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ސެގްމެންޓު ދޭއްގައި ހިމެނޭ ސަރަހައްދުގެ 48 މީޓަރު ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިންމައިފިއެވެ.
އެމްޓީސީސިން މިއަދު ބުނީ އެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ސެގްމެންޓުގެ 48 މީޓަރު ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ޕޭވްމެންޓާއި، ފެނާއި ނަރުދަމާ ހޮޅި އެޅުމުމުގެ %50 ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ކަމަށްވާއިރު ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހެދުން ހިމެނެއެވެ.
މީގެ އިތުރުން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަން ފާހަގަކުރެވެ އެވެ.
ހަމައެހެންމެ ތާރު އަޅުމާއި ސަބްބޭސް ތައްޔާރު ކުރުމުގެ އިތުރުން ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުންވެސް މި މަޝްރޫއުގައި ހިމެނެއެވެ. އަދި ފެން ހިންދާ ނިޒާމެއްވެސް ގާއިމު ކުރެވިގެންދާނެކަން ފާހަގަކުރެވެއެވެ.




