”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަންގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ ޝެވޯނާ / ގއ. ވިލިނގިލި، ޝައްފާހު ލަތީފް (28އ) އާއި މިޔުޒިކީއާގެ / ގއ. ވިލިނގިލި، އަހުމަދު މަދީހު (33އ) އާއި އައިޒަން / ގއ. ވިލިނގިލި، އަހުމަދު އަނާމް އިބްރާހީމް (30އ) ގެ އިތުރުން އަރާއިރުގެ / ގއ. ވިލިނގިލި، ނޫރުއްނިޒާމް (35އ) ކަމަށެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާހު ލަތީފާއި، އަހުމަދު މަދީހާއި، އަހުމަދު އަނާމް އިބްރާހީމް، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާ، ނޫރުއްނިޒާމް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން އިއްޔެ ބުނީ ”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި ކުރިއަށްގެންދާ އޮޕަރޭޝަނުގައި ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ ”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން އިއްޔެ ހެނދުނުން ފެށިގެން ހާއްސަ މަސައްކަތްތަކެއް ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ހިންގަމުންދާ ކަމަށެވެ.
އެގޮތުން އިއްޔެ ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަަލައިފާސްކުރުމާއި، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.





