- އިސްތިހާރު -spot_img

އަލްމަރްހޫމް ނައީމުގެ އަގުހުރި ހިދުމަތަކީ ފަނޑުވުމެއް ނެތް ހިދުމަތެއް: ރައީސް

އަލްމަރްހޫމް މުހައްމަދު ނައީމް ހުސައިންގެ އަގުހުރި ހިދުމަތަކީ ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމި ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު ކަމަށްވާ މުހައްމަދު ނައީމް ހުސައިން އަވަހާރަވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ މީގެ ބައި ގަރުނަށްވުރެ ކުރީން، ފަތުރުވެރިކަމަށް ރާއްޖެ ހުޅުވައިލުމަށްފަހު، ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކުރުމަށްޓަކައި ގައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ހިދުމަތް ދޭން ފެށުން ގުޅިފައިވަނީ އެ ހަނދާންތަކާއި ކަމަށެވެ. އަދި ދިވެހީންގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށް، އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ވެރީންނަށާއި މުވަައްޒަފުންނަށް ތައުޒިޔާ ރައީސް ވަނީ ވިދާޅުވެފައިއެވެ.

”މަރްހޫމް މުހައްމަދު ނައީމް ހުސައިނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރަން. އާމީން.“ ރައީސް ވިދާޅުވިއެވެ.

ނައީމު އަވަހާރަވުމާއި ގުޅިގެން އެމްއޭސީއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނައީމު އަވަހާރަ ވުމަކީ ރާއްޖޭގެ މުޅި އޭވިއޭޝަން ދާއިރާއަށް ލިބުނު ފޫ ނުބެއްދޭނެ ވަރު ހުސްކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ ދާއިރާ ކުރިއެރުވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތާއި ފޯރުކޮށްދެއްވި ހިދުމަތްތައް އަބަދުވެސް ހަނދާން އާކުރާނީ އިހުތިރާމާއި ޝުކުރުވެރިކަމާ އެކުގައި ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

އަލްމަރްހޫމް ނައީމު އަވަހާރަފުޅު ވީއިރު އުމުރުފުޅަކީ 74 އަހަރެވެ. އެމަނިކުފާނު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް މިދިޔަ އާދީއްތަ ދުވަހުގައެވެ. އަދި ޖަނާޒާ އޮތީ އިއްޔެ ހުޅުމާލޭ ސަހަރާގައެވެ.

ނައީމް ހުޅުލޭ އެއާޕޯޓުގައި މަސައްކަތްކުރައްވަން ފެއްޓެވީ 1967 ގައިކަމަށްވާއިރު ތައިލެންޑުގެ ސިވިލް އޭވިއޭޝަން ސެންޓަރުން ވެސް އޭޓީސީގެ ޓްރެއިނިން ހައްދަވައިފައިވެއެވެ. އަދި އޮސްޓްރޭލިއާގައި އެއިރޯނޯޓިކަލް ސާޗު އެންޑް ރެސްކިއު ޓްރެއިނިން ހައްދަވާފައިވާއިރު މީގެ 59 އަހަރު ކުރިން، ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި، ހުޅުލޭ އެއާޕޯޓް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީނު ކުރި، އެއާ ޓްރެފިކް ކޮންޓްރޯލަރުކަން އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި