މާލޭގައި ހިންގަމުންދިޔަ ފަސް ތަނެއް ބަލައި ފާސްކޮށް، ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ ވަނީ މާލޭގައި ހިންގަމުންދިޔަ ފަސް ތަނެއް ބަލައި ފާސްކޮށް، ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. އަދި މިހާތަނަށް ގިނަ ތަންތަން ބަލައިފާސްކޮށް ގިނަ ބިދޭސީންތަކެއް އަނބުރާ އެމީހުންގެ ގައުމުތަކަށް ސަރުކާރުންދަނީ ފޮނުވާލަމުންކަން ފާހަގަކުރެވެއެވެ.
މި މަސައްކަތުގެ ތެރެއިން ހިންގޭ އެންފޯސްމަންޓް އޮޕަރޭޝަން ތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވީޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދިއުން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް ’އޯޕަން ވިޒާ’ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި. އެ މީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.




