ބިދޭސީން އުޅެމުންދިޔަ 10 ތަނެއް ބަލާފާސްކޮށް، ފަސް ތަނަކަށް ނޯޓިސް ދިނުމަށްފަހުވަނީ ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން ގެންދާ ބިދޭސީން ހޯދައި އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ ސިލްސިލާ އޮޕަރޭޝަން ތަކުގެ ތެރެއިން، ފުލުހުންނާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން ހިންގި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައިފާސްކޮށް، އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. އަދި މިހާތަނަށް ގިނަ ތަންތަން ބަލާފާސްކޮށް ގިނަ ބިދޭސީންތަކެއް އަނބުރާ އެމީހުންގެ ގައުމުތަކަށް ސަރުކާރުންދަނީ ފޮނުވާލަމުންކަން ފާހަގަކުރެވެއެވެ.
އިމިގްރޭޝަނުން ބުނީ މި މަސައްކަތުގެ ތެރެއިން ހިންގޭ އެންފޯސްމަންޓް އޮޕަރޭޝަން ތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވީޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދިއުން ކަމަށެވެ.




