ބަންގްލަދޭޝްގައި ރައްޔިތުން މަޖިލީހުގެ އިންތިހާބު ކުރިއަށްދާތީ އެ ގައުމަށް ދަތުރު ކުރާ ފަރާތްތަކުގެ އޮން-އެރައިވަލް ވިސާ ދޫކުރުން މެދު ކަނޑާލާނެ ކަމަށް ހާރިޖީ ވުޒާރައިން ބުނެފި އެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން، މި މަހު 15 ވަނަ ދުވަހުން ފެށިގެން 15 ފެބްރުއަރީ 2026 ގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ އެންމެހައި ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް، އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށްވެސް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބަންގްލަދޭޝްގެ އޮން-އެރައިވަލް ވިސާއާ ގުޅޭ އިތުރު ތަފުސީލީ މައުލޫމާތު މި ލިންކުން ލިބިވަޑައިގަންނަވާނެ ކަމަށްވެސް ވުޒާރާއިން ބުންޏެވެ. https://share.google/a2ou52xtJUVC4fBy6
މީގެ އިތުރުން އެ ވުޒާރާއިން ވަނީ ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަންގެ އެޑްރެހާއި ގުޅޭނެ މައުލޫމާތުވެސް ހިއްސާ ކޮށްފައެވެ. ހައިކޮމިޝަނާއި ބެހޭ މައުލޫމާތުގެ ތެރޭގައި ހިމެނެނީ އެޑްރެސް: ޕްލޮޓް 10982، ނިރޮޅުމަގު 16، ހުޅުމާލެ، ދިވެހިރާއްޖެ އަދި ފޯން: 3320859 މިއެވެ.




