ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފިއެވެ.
ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ ނެރުނު ބަޔާނެއްގައި ބުނީ މާލޭ ސަރަޙައްދުން ދޫކުރާ ބިމާއި ފްލެޓަށް އެދި ވަރަށް ގިނަ ފަރާތްތަކަކުން އެޕްލައިކުރާނެ ކަމަށް ލަފާކުރެވޭތީ އާއި ހަފްތާ ބަންދާ ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ، ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި ޕޯޓަލް އާންމުކޮށް ހުޅުވަން ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ”އާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމުގެ ދަށުން މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް އެ ވުޒާރާއިން ނިންމަވާފައިވަނީ މިއަދުއެވެ. އަދި މި ސްކީމަށް ފޯމު ހުށައެޅުމަށް އެންމެ ފުރަތަމަ ނިންމީ، މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކަމަށްވީ ނަމަވެސް ފަހުން އެ މުއްދަތު މިއަދަށް ފަސްކުރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ރައްޔިތުންގެ ބައްދަލުވުން ތަކުގައި ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން އުސޫލަށް ބައެއް އިސްލާހުތައް ގެނައުމަށްކަން ފާހަގަކުރެވެއެވެ.
ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާ ފްލެޓާއި ގޯތި ދޫކުރާ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު އުސޫލަށް ގެނެވުނު މުހިންމު އެއް ބަދަލަކީ، ކުރީގެ ސްކީމަކުން އެއް ނުވަތަ ދެ ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު ތިން ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުސަތެވެ.





