ދިވެހިރާއްޖެއިން ރަޝިއާ އަށް ކަނޑައެޅުއްވި ނޮން – ރެސިޑެންޓް ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަޙީމް އަބްދުއްލަތީފް، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއަން ފެޑެރޭޝަންގެ ރައީސް، ހިޒް އެކްސެލެންސީ ވްލަޑިމިއާ ޕުޓިން އަށް މިއަދު އަރުވައިފި އެވެ.
މި ފަތްކޮޅު އެ މަނިކުފާނަށް އަރުވާފައިވަނީ މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ސަފީރު އަބްދުއްރަޙީމް އަބްދުއްލަތީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތް ޕުޅުން ތަހުނިޔާ އާއި ހެޔޮ އެދުންތައް ރަޝިއާގެ ރައީސްއަށް އަރިސްކުރައްވާފަ އެވެ.
ރައީސް ޑރ. މުއިއްޒު، ރަޝިއާ އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން – ރެސިޑެންޓް ސަފީރުކަމަށް ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަޙީމް އަބްދުއްލަތީފް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާރިޗު މަހުގެ 11 ވަނަ ދުވަހުގަ އެވެ. އަދި އެ މަނިކުފާނު މިހާރު ހުންނެވީ ރިޕަބްލިކް އޮފް ތުރުކިޔޭއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައިކަން ފާހަގަކުރެވެ އެވެ.





