- އިސްތިހާރު -spot_img

”ލޮރީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ވީހާވެސް ރަނގަޅު ހައްލެއް ހޯދައިދޭނަން“

މުދާ އުފުލާ ލޮރީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއި ހުށަހަޅާފައިވާ ކަންތައްތަކަށް ވީހާވެސް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އިއްޔެ ހެނދުނު ރައީސް އޮފީހުގައި ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި މާލޭ ވިޔަފާރި ބަނދަރުގައި މުދާ އުފުލާ ލޮރީތަކުގެ ޑްރައިވަރުން ވަނީ އެ ބޭފުޅުންގެ މަސައްކަތުގައި ކުރިމަތިވާ މައްސަލަތަކާއި ދަތިތަކުގެ މައުލޫމާތު ރައީސް އާއި ހިއްސާ ކޮށްފައެވެ. އަދި، އެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން އެބޭފުޅުން ރައީސް އާއި މަޝްވަރާވެސް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި މުދާ އުފުލުމުގެ މަސައްކަތުގައި ގެންގުޅޭ ލޮރީތަކަށް ބަނދަރާއި ކައިރި ސަރަހައްދަކުން ޕާކިން ހަމަޖެއްސުމާއި ވެހިކަލްތަކުގެ ވެރިފަރާތް ބަދަލުކުރުމުގައި ދިމާވާ ދަތިތަކާއި ވެހިކަލްތަކަށް ސްޕެއާ ގެނައުމުން އެ ތަކެތި ބޮންޑު ކުރުމުގެ ސަބަބުން ދިމާވާ ދަތިތަކާއި ލޮރީ ކިއުގައި ހުރި މައްސަލަތަކަށް ހައްލުގެނައުމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ.

ހަމައެހެންމެ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތާއި އެއްގޮތަށް މުދާ ކްލިއާ ކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވޭ އެޕްގެ މަސައްކަތް އަވަސްކުރުމާއި އައު އުޅަނދެއް އެތެރެކުރުމުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ ތެރެއިން މިހާރު ބޭނުންކުރާ ބާ އުޅަނދު ނައްތާލައި، އަލަށް ގެނައި އުޅަނދު ބާ އުޅަނދުގެ ބަދަލުގައި ރަޖިސްޓްރީކޮށްދިނުމަށްވެސް އެބޭފުޅުން ރައީސްގެ އަރިހުން އެދިފައިވެއެވެ.

ޑްރައިވަރުން ވަނީ އެ ބޭފުޅުން ކުރާ މަސައްކަތަކީ އެހެން ވަޒީފާތަކެކޭ އެއްގޮތަށް ސަރުކާރުން ބަލައިގަންނަ ސައްހަ ލިޔެކިޔުމާއެކު މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށްވެސް އެދިފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި