ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫގައި ގާއިމު ކޮށްފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ތަމްރީނު މަރުކަޒަށް އިއްޔެ ފުރައިފިއެވެ.
ވަތަނީ ހިދުމަތުގެ ބައިވެރިން ކިހާދޫއަށް ފުރާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނު ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫގައި ގާއިމު ކޮށްފައިވާ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒަށް ފުރާފައިވާ ކަމަށެވެ.
ހަމައެހެންމެ ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ 66 ޒުވާނުން ބައިވެރިވާ މި ތަމްރީނުގައި ތަފާތު ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތުލިބިގެން ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ދިވެހި ވަތަނީ ހިދުމަތް އިފްތިތާހުކޮށްދެއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.





