މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 99،350 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިޔާއިން ނެވެ. ރަޝިޔާއިން ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 16،868 އަށް އަރާފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ އިޓާލީ ވިލާތުންނެވެ. އިޓަލީ ވިލާތުން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 11،987 ފަތުރުވެރިން ކަމަށްވާއިރު އިނގިރޭސިވިލާތުން 8159 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މީގެ އިތުރުން ޖަރުމަނުވިލާތުން 6245 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ޗައިނާ މިވަނީ ލިސްޓުގެ ފަސް ވަނާގައެވެ. ޗައިނާއިން ޒިޔާރަތްކޮށްފައިވަނީ 5404 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7096 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު ރިސޯޓު ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 68،881 ގައެވެ. އަދި ހޮޓެލް ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 2874 ގައެވެ.
ހަމައެހެންމެ ގެސްޓު ހައުސް ތަކުގައި 25،407 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު ސަފާރީ ތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިންގެ އަދަދު 2099 އަށް އަރާފައިވެއެވެ.




