ބޭސް ވިއްކުމުގެ ހުއްދަ ނެތް ފާމަސީތަކާއި ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާމަސީ ތަކާއި ޕްރޮފެޝަނަލުން ނެތި ހިންގާ ފާމަސީތަކާއި މެދު ފިޔަވަޅު އަޅަމުންދާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭއިން ބުނީ ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އިމްޕޯޓްކޮށް ވިއްކޭނީ ބޭހައި ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެ އޮތޯރިޓީގައި ބޭސް އިމްޕޯޓުކުރާ އަަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރިވެ ހުއްދަ ލިބިގެން ކަމަށެވެ. އަދި ބޭސް ވިއްކާ ފާމަސީތަކާއި ފާމަސީތައް އެ އޮތޯރިޓީގައި ރަޖިސްޓާކޮށް ފާމަސީ އެ އޮތޯރިޓީން ދޫކުރާ ”ބޭސް ވިއްކުމުގެ ހުއްދަ“ ނެތި ބޭސް ވިއްކުމަކީ މަނާކެއްކަމާއި ފާމަސީ ޕްރޮފެޝަނަލުން، ފާމަސީ ތަކުގައި މަސައްކަތް ކުރާއިރު ފާމަސިސްޓު އައިޑީ ކާޑު ނެތި މަސައްކަތް ކުރުމަކީ މަނާ ކަމެއް ކަމަށްވެސް އެމްއެފްޑީއޭއިން ބުންޏެވެ.
މީގެ އިތުރުން ފާމަސީ ތަކުން ބޭސް ބައްލަވައިގަންނަވާއިރު ބަލަންޖެހޭ ކަންތައްތަކަށް ބެލުމަކީ ކޮންމެ ފަރުދެއްގެވެސް ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ ކަންކަމަށްވާތީ މިފަދަ ކަންކަމުގައި އަމިއްލަ ފުޅަށް ޒިންމާ ނެގުމަށްވެސް އެ އޮތޯރިޓީން އިލްތިމާސްކޮށްފައިވެއެވެ.
އެގޮތުން ބަލަންޖެހޭ ކަންތައްތަކުގެ ތެރޭގައި:
- ފާމަސީއަކީ ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާމަސީއެއް ކަން ކަށަވަރު ކުރުމަށްޓަކައި ބޭސް ވިއްކުމުގެ ހުއްދަ ފާމަސީގައި ހަރުކޮށްފައިވޭތޯ ބެލުން
- ބޭސް ދޫކުރަން ހުރީ އެކަމުގެ ހުއްދަ އޮތް ފަރާތެއް ކަން ކަށަވަރު ކުރުމަށްޓަކައި ބޭސް ވިއްކުމަށް އެ އޮތޯރިޓީއިން ދޫކޮށްްފައިވާ ފާމަސިސްޓެއް ކަން އަންގައިދޭ އައިޑީ ކާޑު އަޅާފައި ހުރިތޯ ބެލުން
- ނެންގެވި ބޭހަކީ މުއްދަތު ހަމަނުވާ ބޭސް ކަމުގައި ކަށަވަރު ކުރުމަށްޓަކައި ބޭހުގައި ބަޔާން ކޮށްފައިވާ މުއްދަތު ހަމަވާ ތާރީހު ބެލުން
- ބޭސް ބޭނުން ކުރަންވީ ގޮތުގެ އިރުޝާދު ރަނގަޅަށް ކިޔައިދީ ސާފުކޮށް ލިޔެފައިވޭތޯ ބެލުން
- ބޭސް ޕެކްކޮށްފައި ހުރީ ރައްކާތެރި ގޮތަކަށްތޯ ބެލުން ފަދަ ކަންތައްތައް ހިމެނެއެވެ.





