މޯލްޑިވްސް ވިޒިޓާ ސާވޭ (އެމްވީއެސް) 2025 ގެ ހޯދުންތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށްޓަކައި ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެ ވުޒާރާއިން އިއްޔެ ބުނީ ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު ހިއްސާދާރުން ބައިވެރިވި މި ބައްދަލުވުން ބޭއްވީ ސާވޭއިން ފާހަގަކުރެވުނު މުހިންމު ކަންތައްތައް ހިއްސާ ކުރުމަށް ކަމަށެވެ.އަދި މި ސެޝަން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ސާވޭއިން ލިބިފައިވާ ހޯދުންތައް ދާއިރާގެ ތަޖުރިބާކާރުންނަށް ހުށަހަޅައި، އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ބައިވެރިންގެ ފަރާތުން ލިބޭ އިތުރު ލަފާގެ އެހީގައި، ސާވޭގެ ހޯދުންތައް އިތުރަށް ހަރުދަނާކޮށް، ފައިނަލް ރިޕޯޓު ފުރިހަމަކުރުމަށް ހަމަޖެހިފައިވާ ކަން ފާހަގަކޮށް އެ ވުޒާރާއިން ބުނި މި ބައްދަލުވުމުގައި ލިބުނު މައުލޫމާތުތަކަކީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމުގަ އާއި، ސްޓްރެޓީޖިކް ޕްލޭންތައް އެކުލަވާލުމުގައި ހެކީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބޭއްވި މި ބައްދަލުވުމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ދާއިރާ އިތުރަށް ފުޅާކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ސާވޭގެ ފައިނަލް ރިޕޯޓު ނިމުމުން އެއީ މުޅި ދާއިރާއަށް ބޭނުންތެރި މުހިންމު ލިޔުމަކަށް ވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.




