މި ދުވަސްވަރު އަރިދަފުސް ރޯގާ، ބޭރަށް ހިންގުން އަދި ޑެންގީ ހުން އިތުރުވަމުންދާތީ ސަމާލުވުމަށް އައިޖީއެމްއެޗްއިން އިލްތިމާސްކޮށްފި އެވެ.
އައިޖީއެމްއެޗްއިން ނެރުނު ބަޔާނެއްގައި ވަނީ އެ ހޮސްޕިޓަލަށް ދައްކާ ފަރާތްތަކުގެ ތެރެއިން އަރިދަފުސް ރޯގާ، ބޭރަށް ހިންގުމާއި ޑެންގީ ހުން އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި މިފަދަ ރޯގާތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:
- ރޯގާގެ އަލާމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް އަދި ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުން،
- އުމުރުން ދުވަސްވީ މީހުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން، ކުޑަކުދިން، މާބަނޑު މީހުން އަދި ދިފާއީ ނިޒާމް ބަލިކަށީ މީހުން ހާއްސަ ސަމާލުކަމެއް ދިނުން،
- ސާފުތާހިރުކަމަށް އިސްކަންދިނުމާއި ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވުން ނުވަތަ ހޭންޑް ސެނިޓައިޒާއެއް ބޭނުން ކުރުން،
- މަދިރި އާލާވާ ފަދަ ފެން ހަރުލާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އެޅުން،
- ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުން މިއެވެ.
އިއްޔެ އައިޖީއެމްއެޗްއިން ބުނީ ހުމާއި އަރުދަފުސް ރޯގާ ހުންނަ ހުރިހާ ފަރާތްތަކަށް ހާއްސަކޮށް އައިޖީއެމްއެޗްގައި ފުލޫ ކްލިނިކެއް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ.
ފްލޫ ކްލިނިކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް ފުރަތަމަ ވަޑައިގަންނަވާނީ އީއާރް ޓްރައިޖަށް ކަން ފާހަގަކޮށް އެ ހޮސްޕިޓަލުން ބުނީ ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެންގެވުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދު ދެއްވާނެ ކަމަށެވެ.
އެ ކްލިނިކްގެ ހިދުމަށް ލިބޭނީ (ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން) ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް އައިޖީއެމްއެޗްގެ ކޮންސަލްޓޭޝަން ރޫމް 10 އިންނެވެ.





