އިންޑޮނޭޝިއާގެ ދެކުނު ސުލާވެސީގައި ހިނގި މަތިންދާ ބޯޓު ވެއްޓުނު ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ރައީސް، ހިޒް އެކްސަލަންސީ ޕްރަބޯވޯ ސުބިއަންތޯ އަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު ފޮނުއްވި މެސެޖުގައި ވަނީ އަށް ކުރޫއިންނާއި އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް މެރީން އެފެއާޒް އެންޑް ފިޝަރީޒްގެ ތިން އޮފިޝަލުންގެ ފުރާނަ ގެއްލި ދިޔަ މި ހާދިސާއާ ގުޅިގެން ކުއްލި ސިހުމަކާއި ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވާފައެވެ.
ރައީސް ސުބިއަންތޯ އާއި އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށާއި، މި ހާދިސާގެ ސަބަބުން ހިތްދަތިކަން ތަޙައްމަލުކުރަމުންދާ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސް ޑރ. މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެ، މީހުން ހޯދައި ސަލާމަތްކުރުމަށް ހިންގާ އޮޕަރޭޝަން، ކާމިޔާބުކަމާއެކު ކުރިއަށްދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
11 މީހުންނާއެކު ޔޯގްޔަކާޓާ އިން ފުރައިގެން ސުލަވެސީ އައިލެންޑްގެ މަކަސަރު ސިޓީއަށް ދަތުރު ކުރަމުން ދިޔަ ބޯޓެއް ގެއްލިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭޓީއާރް 42-500 މަރުކާގެ އެ ބޯޓުގައި 11 މީހުން ދަތުރުކުރިއިރު އޭގެ ތެރޭގައި ހިމެނެނީ އެ ގައުމުގެ ސަރުކާރުގައި މަސައްކަތް ކުރާ ތިން މީހުންނާ، ހަތް ވަރަކަށް ކްރޫއިންނެވެ.
ބޯޓު ގެއްލުމާއި އެކީ ބޯޓު ހޯދުމުގެ މަސައްކަތް ފަށާފައިވެއެވެ. އަދި ގެއްލުނު ބޯޓުގެ ބައެއް ބައިތައް ބައެއް ސަރަހައްދުތަކުން ފެންނަމުންދާކަން ފާހަގަކުރެވެއެވެ.





