ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން މިހާތަނަށް 877 ފޯމު ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ދެނެގަތުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށްޓަވާނެ ކަމަށެވެ. އަދި މިހާތަނަށް 877 ފޯމު ހުށަހަޅާފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ގޯއްޗަށް އެދި 221 ފަރާތަކުން ހުށަހަޅާފައިވާއިރު ފްލެޓަށް އެދި 416 ފަރާތަކުން ހުށަހަޅާފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޑްރާފްޓު ސްޓޭޖުގައި 5599 ފަރާތެއް ފޯމް ފުރާފައިވާ ކަމަށެވެ.
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގައި އަވަހަށް އެޕްލައިކުރުމަކީ މުހިންމުކަމެއް ނޫން ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އޭގެ ބަދަލުގައި ހުރިހާ ލިޔެކިޔުންތަކާއެކު، ރަނގަޅަށް ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އިސްކަންދެއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.
ނުބައި މައުލޫމާތާއެކު ފޯމު ފުރުމާއި، ޝަރުތު ހަމަނުވާ ފަރާތްތަކުން ފޯމު ހުށަހެޅުން ފަދަ ކަންކަން ނުކުރުމަށް ވަޒީރު ވަނީ އިލްތިމާސްވެސް ކުރައްވާފައެވެ.
”އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން ޝަރުތު ހަމަނުވާ ފަރާތްތަކުން ނުބައި މައުލޫމާތުދީގެން ފޯމު ފުރުމަކީ ހަގީގަތުގަ ދައުލަތުގެ ރިސޯސަސް ވޭސްޓްކުރަން ކުރާ ކަމެކޭ. އެކަން ނުކުރައްވާށޭ. ޝަރުތު ހަމަވާ ފަރާތްތަކުން ވީހާވެސް ރަނަގޅަށް އެކަށީގެންވާ ޑޮކިއުމަންޓްސްތަކާ އެއްޗެހި ލައިގެން ސަބްމިޓް ކުރާށޭ. ވަގުތު އެބަ އޮތޭ. ބިމަށް 45 ދުވަސް، ފްލެޓަށް 3 މަސް ދުވަސް.“ ވަޒީރު ވިދާޅުވިއެވެ.





