ބަނގުރާ ވިއްކާ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުގައި މާލެއިން ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކައި ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަންގަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސިޕޮން އަލީ (21) އާއި ޖުވެލް ރަނާ (32އ) އާއި އެމްޑީ ނަޒްރުލް އިސްލާމް (20) އާއި އެމްޑީ އިބްރާހީމް(22އ) އެވެ. މި އެންމެންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ. އަދި މި މީހުން ހައްޔަރުކޮށް، މާލޭ މާފަންނު ގެއެއް ބަލައިފާސްކުރިއިރު 54 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން، އެ މީހުން ގެންގުޅުނު ސައިކަލުވެސް ޓޯކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އަދި މި މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުންވެސް މިހާރު ވަނީ ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.





