ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީގައި ކުރިއަށްދިޔަ “ބީފާން 2026“ ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގދ. ފިޔޯރީ ވޮލީ ކޯޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ ގދ. ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދާއި ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ގެ ރައީސް ހުސައިން ފަޔާޒެވެ.
ރޭ ކުޅުނު މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި ވާދަކުރީ ފުވައްމުލަކުގެ އެކުވެރި ފުނާޑު ޓީމާއި، ފިޔޯރީ ވޮލީބޯޅަ ޓީމު ކަމަށްވާއިރު މި މެޗު 1 ސެޓު 3 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެކުވެރި ފުނާޑް ޓީމެވެ.
މި ރަސްމިއްޔާތުގައި “ބީފާން 2026“ ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޗެމްޕިއަން ޓީމަށް މެޑަލް އަދި ތަށި ހަވާލުކޮށްދެއްވީ ނައިބު ރައީސްއެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލް އިދާރާއިން އިސްނަގައިގެން، ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމަންޓް (ފޭސް) ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ “ބީފާން 2026“ ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.





