ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް އެ އުޅަނދު އޮޕަރޭޓްކުރުމަށް ބޭނުންވާ ފަރާތްތައް ހޯދުމަށް މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އިއުލާން ކޮށްފިއެވެ.
އެ ވުޒާރާއިން ބުނީ ކުއްލި އެމާޖެންސީ ހާލަތަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވުމުގެ ގޮތުންނާއި ސާޖް އެންޑް ރެކިސްކިއު އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރު ދަތުރުތައް އޮޕަރޭޓް ކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިއީ އެ ވުޒާރާއިން މި ފުރުސަތު ހުޅުވާލި ތިން ވަނަ ފަހަރުކަން ފާހަގަކުރެވެއެވެ.
މި އެއްބަސްވުމުގެ ދަށުން ކޮމާޝަލް ހެލިކޮޕްޓަރު ފަސިންޖަރުންގެ ހިދުމަތް ރާއްޖޭގައި އޮޕަރޭޓް ކުރުމަށް 10 އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ ދަށުން އިމަޖެންސީ މެޑިކަލް ސާވިސަސް އާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައިވެސް އެ އޮޕަރޭޓަރުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
އެގޮތުން މިކަމަަށް ޝައުގުވެރިވާ ފަރާތްތަކުން މާރިޗް މަހުގެ 25 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެ ވުޒާރާއިން އެދިފައިވެއެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނީ އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ހަދާފައިވާ ސްޓްޑީޒްގައި ބުނާ މިންގަނޑު ތަކުގެ ތެރެއިންކަން ފާހަގަކުރެވެއެވެ




