ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށް ހޮވުނު ބައިވެރިން ތަމްރީނުތައް ހެދުމަށް މިއަދު ފުރައިފިއެވެ.
ދިފާއީ ވުޒާރާއިން ބުނީ ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ, ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަހުލާގު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި ފައްޓަވާފައިވާ މޯލްޑިވްސް ނޭޝަނަލް ސާވިސްގެ (ދިވެހި ވަތަނީ ހިދުމަތުގެ) ތަމްރީނުގެ ދެވަނަ ބުރަށް ހޮވުނު ބައިވެރިން ތަމްރީނުތައް ހެދުމަށް މިއަދު ފުރާފައިވާ ކަމަށެވެ.
ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބުރުގައި 112 ރަށަކުން 286 ފިރިހެން އަދި 64 އަންހެން ދަރިވަރުން ހިމެނޭހެން ޖުމްލަ 350 ދަރިވަރުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު ޅ. މާފިލާފުށީގައި ފުރިހަމަކުރާ ތިން މަސް ދުވަހުގެ ތަމްރީނުތަކުގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވާ އާލާކުރުމާއި، އިސްލާމް ދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކުރުން ހިމެނެއެވެ.
ހަމައެހެންމެ ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ އަޚުލާޤާއި ސުލޫކު ރަގަޅު، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން ހިމެނޭ ކަމަށްވެސް ދިފާއީ ވުޒާރާއިން ބުންޏެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑާ ޝިޕާއި، ފަސްޓް އެއިޑާއި، ފަޔާ ފައިޓިން އާއި، ލޭންގުއޭޖް ޕްރޮފިޝެންސީ އާއި، ހަށިހެޔޮކަމުގެ އިތުރުން ފެތުމާއި މޫދަށް އަހުލުވެރިވުމާއި، ހެވިކަމާއި، ކުޅިވަރާއި ކަސްރަތާއި އަދި ކޭމްޕިން އާއި ފީލްޑް އެކްޓިވިޓީތައް ހިމެނެއެވެ.





