ބޭނުންފުޅުވަނީ އެމަނިކުފާނުގެ ވައުދުފުޅުތައް ފުއްދުމަށްޓަކައި އެއްބާރުލުން ދެއްވާނެ ކައުންސިލަރުންނާއި މޭޔަރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެންސީން އިއްޔެ ހަވީރު ބޭއްވި ހާއްސަ ކެމްޕޭން ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރަށްރަށާއި ސިޓީތަކަށް ބޭނުންވަނީ އެމަނިކުފާނުގެ މަސައްކަތްތަކަށް ހުރަސްނާޅައި، އެއްބާރުލުންދޭނެ މޭޔަރުންނާއި ކައުންސިލަރުން ކަމަށެވެ.
ރައީސް ވިދާޅުވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރާއިރު އެކަމަށް ހުރަސްއަޅާ ބަޔަކު އަތުވެއްޖެނަމަ ތަރައްގީ މަޑުޖެހިގެންދާނެ ކަމަށާއި، ސިޔާސީ ގޮތުން ހަމަނުޖެހުން އުފައްދަން އެފަދަ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށެވެ. އެއީ އެއްވެސް ރައްޔިތަކު ދެކެން ބޭނުންވާ ދުވަހެއް ނޫން ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ އެކި ހައިސިއްޔަތުތަކުން މިހާތަނަށް މާލޭގެ ގެތަކަށް އެމަނިކުފާނަށް ޒިޔާރަތްކުރެވިފައިވާ ކަމަށެވެ. އަދި ރައްޔިތުން ދިރިއުޅޭ ހާލަތު ވަރަށް ގާތުން އެނގިވަޑައިގަންނަވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ހަލުވިކަމާއެކު ކުރިއަށްގެންދާ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ކަނޑުފަޅުން ދީފައިވާ ގޯތިތައް، ބިން ހިއްކުމަށްފަހު ރައްޔިތުންނަށް ދިނުމުގެ މަސައްކަތް ކުރިއަށްގެންދަނީވެސް ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށް ކަމަށެވެ. އަދި މިފަދަ މަޝްރޫއުތައް ކުރިއަށްދާއިރު ބޭނުންވަނީ އިޚްލާސްތެރި ތެދުވެރި އަދި އަމާނާތްތެެރި މޭޔަރުންނާއި ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެންބަރުން ކަމަށްވެސް ރައީސްވަނީ ފާހަގަކުރައްވާފައެވެ.
ކުރިއަށް އޮތް އިންތިހާބުގައި އެފަދަ ފަރާތްތައް އިންތިހާބު ކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.





