އިސްލާމްދީނަށާއި ދިވެހި ގައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ގައުމުގައި ބިނާކުރެވޭނީ، ތައުލީމާއި ތަރުބިއްޔަތަށް އަހައްމިއްޔަތުކަން ދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިރާސީ އަހަރުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި އަހަރަށް ސްކޫލްތަކުގެ ކިޔެވުން މިއަދު ފަށާއިރު، ތައުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރީންނަށާއި ޓީޗަރުންނަށް، ބެލެނިވެރީންނަށާއި ލޮބުވެތި ދަރިވަރުންނަށްވެސް ކާމިޔާބީއަށް އެދިވަޑައި ރައީސް ވިދާޅުވީ ތައުލީމު އުނގެނުމާއި އުނގަންނައިދިނުމަކީވެސް ވަރަށް ބޮޑު ދީނީ އަދި ގައުމީ ޒިންމާއެއް ކަމަށެވެ.
”ދިވެހީން އެދޭ ފާގަތި ކުރިމަގު މި ގައުމަށް ހޯދައިދެވޭނީ މި ޒިންމާ އަދާކުރުމުގައި އަޅުގަނޑުމެން އެންމެން އެއްބާރުލައި އިހުލާސަތެރިވީ މިންވަރަކުން.“ ރައީސް ވިދާޅުވިއެވެ.
ތައުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށާއި ހެޔޮލަފާ، ތޫނުފިލި، އުޅުން ރީތި ދަރީންތަކެއް ދިވެހި ތައުލީމީ ހިޔާވަހިތަކުގައި ބޮޑެތި ކުރުމުގެ ހެޔޮ ތައުފީގު ދެއްވުމަށް އެދި އެމަނިކުފާނު ވަނީ ދުއާފުޅުވެސް ކުރައްވާފައެވެ.
ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކޮންމެ ކިޔަވާ ކުއްޖަކަށްވެސް ފާގަތި، ބާއްޖަވެރި އަހަރަކަށް ވުމަށް އެދި ހެޔޮ ދުއާކުރައްވާފައެވެ.
”ދިރާސީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަރިވަރުންނާއި ބެލެނިވެރިންނާއި ތައުލީމީ ދާއިރާގެ އެދުރުންނާއި ހިންގުންތެރިންނާއި އެހީތެރިންނަށް އަރިސްކުރަން.“ މެޑަމް ސާޖިދާ ވިދާޅުވިއެވެ.





