ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި އައު ސްކޫލް، ޝަހީދު އަލީ ސްކޫލް ރަސްމީކޮށް ހުޅުވައި ކިޔެވުން މިއަދު ފަށައިފިއެވެ.
މި ސްކޫލު ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ސްކޫލަކީ ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ތިން ވަނަ ސްކޫލުކަމަށްވާއިރު މި ސްކޫލުގައި 2،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދީފައިވެއެވެ. އަދި އެންމެ ގިނައީ އަތޮޅުތަކަށް ނިސްބަތްވާ ކުދިންކަންވެސް ފާހަގަކުރެވެއެވެ.
ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ އިއްޔެގެ ނިޔަލަށް އެ ސްކޫލަށް ވަންނަން އެދިފައި ތިބި ކުދިންގެ ތެރެއިން 1،950 ދަރިވަރުންނަށް ޖާގަ ދީފައިވުމާއިއެކު އެ ސްކޫލް މިއަދު ހުޅުވީ 2،100 ދަރިވަރުންނާ އެކުގައި ކަމަށެވެ.
މި ސްކޫލުގެ ބައެއް މުހިއްމު މައުލޫމާތު:
- ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އާއި ހަމައަށް ކިޔަވައިދިނުން
- ޖުމްލަ 230 މުދައްރިސުން
- 32 ދަރިވަރުންގެ ޖާގައިގެ 54 ކްލާސްރޫމް
- 400 ދަރިވަރުންގެ ޖާގައިގެ އޮޑިޓޯރިއަމް
- ހުރިހާ ކްލާސް ރޫމެއްގައި އޭސީ
- ޓީޗަރުންނާއި ދަރިވަރުންނަށް ވަކި ކެފެޓީރިއާއެއް
- ލައިބްރަރީއަކާއި ސައިންސް ލެބެއް
- 20 ކުދިންގެ 3 ލިފްޓާއެކު ސޯލާޕެނެލް
- އިންޑޯ އަދި އައުޓްޑޯ ހޯލެއް
- ދެ ދަންފަޅީގައި ކިޔަވައިދިނުން
މި ސްކޫލް އިމާރާތްކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސްކޫލު މިހާރު ސަރަހައްދުގެ ސަބަބުން ކުދިންނަށް ފަސޭހަކަމާއެކު ސެޝަންތަކުގައި ކުޅިވަރު ކުޅުމަށް ދަނޑުތަކަށް ދެވޭނެ ކަމަށެވެ.
”މި ސްކޫލަށް ކިޔާނީ ޝަހީދު އަލީ ސްކޫލް. ޝަހީދު އަލީ ރަސްގެފާނުގެ ޒިކުރާ އާކޮށް، ކުދިންގެ ހިތުގައި ގުރުބާނީގެ އަގުވަޒަން ކުރުމުގެ ނިޔަތުގައި ހަމަ ސްކޫލަށް ޝަހީދު އަލި ސްކޫލު ކިޔަން ނިންމީ.“، ވަޒީރު ވިދާޅުވެފައި ވެއެވެ.
ޝަހީދު އަލީ ސްކޫލު އިމާރާތްކޮށްފައިވަނީ އާރުސީސީގެ ފަރާތުންނެވެ. މި ސްކޫލުގެ މަސައްކަތް ރައީސް ރަސްމީކޮށް ފައްޓަވާއިދެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އަދި ސްކޫލު މަސައްކަތް އާރުސީސީއާއި ހަވާލުކޮށްފައިވަނީ 27 ޖޫން 2021 ވަނަ އަހަރުއެވެ.





