- އިސްތިހާރު -spot_img

ގަވާއިދާ ހިލާފަށް ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއް ބަންދުކޮށް، 15 ބިދޭސީން ހައްޔަރުކޮށްފި

ހުއްދަ ނުނަގާ ރޮށި ފިހެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަންދުކޮށް، 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އިއްޔެ ދިވެހި ފުލުހުންގެ ހިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޖޮއިންޓް އިންސްޕެކްޝަނެއްގައި، ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މި އިންސްޕެކްޝަނުގެ ތެރެއިން، ބަލައި ފާސްކުރި އެއް ތަނަކީ އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ އެ މަސައްކަތް ވަނީ ހުއްޓުވާލާފައިވާ ކަމަށާއި ދެވަނަ ތަނުގައި ގަވާއިދާ ހިލާފަށް ފިހާރައެއް ހިންގައި، މުދާ ވިއްކަމުންދިޔަކަން  ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީން މި ދެ ތަން މިހާރު ބަންދުކޮށްފައިވާއިރު، މި ދެ އިންސްޕެކްޝަނަށްފަހު ޖުމްލަ 15 ބިދޭސީ ފިރިހެނުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު މިހާތަނަށް ގިނަ ތަންތަން ބަލައިފާސްކޮށް ގިނަ ބިދޭސީންތަކެއް އަނބުރާ އެ މީހުންގެ ގައުމުތަކަށް ސަރުކާރުން ފޮނުވާލާފައިވާކަން ފާހަގަކުރެވެއެވެ.

މި މަސައްކަތުގެ ތެރެއިން ހިންގޭ އެންފޯސްމަންޓް އޮޕަރޭޝަން ތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވީޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދިއުން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި